އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އަދި މި ވަގުތު އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފި އެވެ.
މިކަމާގުޅޭގޮތުން ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަ ކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ސަމާލުކަމާއެކު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި، މި ޙާލަތާ ގުޅިގެން އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާނގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް އެ ބަޔާނުގައި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފައި ވެއެވެ.
”މި މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން. މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރަން.“ ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ.
ޚާރިޖިއްޔާއިން ބުނީ، މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު (44)02072242135 އަށް ގުޅާލުމުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާކަމަށެވެ.



