މުސްލިމް ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުންގެ ޖަލްސާގެ ސެޝަނެއްގެ ރިޔާސަތު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ބަލަހައްޓަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި މިހާރު ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ޑރ. ޝަހީމް ބެލެހެއްޓެވި އެވެ. މި ސެޝަންގެ ޝިޢާރަކީ ’މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު‘ އެވެ.
ސަޢުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ މި ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުންވެސް ބައިވެރިވެއެވެ.
ސައުދީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފަ އެވެ.
އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާ ފެށީ މިމަހުގެ 3 ވަނަ ދުވަހު އެވެ. މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް މި ޖަލްސާ ކުރިއަށްދާނެއެވެ. މި ޖަލްސާ ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުން ދާކަން ފާހަގަކުރެވެއެވެ.




