އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އަދި އެގައުމަށް އެކި ބޭނުންތަކުގައި މިވަގުތު ގޮސްތިބި ދިވެހިން ރަޖިސްޓްރީ ވާން އަންގައިފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއިން ބުނެފައިވަނީ، މި ވަގުތު އިނގިރޭސި ވިލާތުގައި ތިބި ހުރިހާ ދިވެހިން، އެ ކޮމިޝަންގެ ކޮންސިއުލާ ޑިވިޝަނުގެ މެއިލް consular@maldiveshighcommission.uk މެދުވެރިކޮށް ހައިކޮމިޝަނުގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ.
ވަކިން ޚާއްސަކޮށް އިނގިރޭސިވިލާތުގައި ތިބި ދަރިވަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް އެދިފައި ވެއެވެ.
ހައިކޮމިޝަނުން ބުނީ، މި ދަނޑިވަޅުގައި އެހީތެރިކަން ބޭނުންވާ ދިވެހިން އެ ކޮމިޝަނުގެ ފޯނު ނަންބަރު +44(0)2072242135 މެދުވެރިކޮށް ނުވަތަ info@maldiveshighcommission.uk އީމެއިލް މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް އެދޭކަމަށެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިންގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ދިން ހަމަލާއާއެކު، މުސްލިމުންނާ ދެކޮޅަށް މިހާރު އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތުޕޯޓް އަދި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.
މިނިސްޓްރީންވަނީ ހުރިހައި ދިވެހިންވެސް މިވަގުތު ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފަ އެވެ. އަދި، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.




