މިއަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހައި އަތޮޅު ހޮޕިސްޓަލްތަކެއްގައި ޑައިލަސިސް ސެންޓަރުތައް ގާއިމުކުރެވި ޚިދުމަތް ދޭން ފެށޭވަރުވާނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މަައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ޑައިލަސިސްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެނީ މިހާރު ގާއިމުވެފައި ހުރި އަތޮޅު ހޮސްޕިޓަލުތަކުގައި އެޚިދުމަތް ފެށުމަށް ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ، މިހާތަނަށް އާއިރު، 2 އަތޮޅު ހޮސްޕިޓަލެއްގައި މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ދެން ހުރި އަތޮޅު ހޮސްޕިޓަލުތަކުގައި ޑައިލަސިސްގެ ޚިދުމަތަށް ބޭނުންވާ ސިއްޙީ އާލާތްތައް ޕްރޮކިއޮރ ކުރެވި، ޖާގަ ނެތް ހޮސްޕިޓަލުތަކުގައި އެޚިދުމަތަށް ބޭނުންވާ ޖާގާ އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާނަމަ މިއަހަރު ނިމުމުގެ ކުރިން ހުރިހައި އަތޮޅު ހޮސްޕިޓަލެއްގައި ޑައިލަސިސް ޚިދުމަތް ގާއިމު ކުރެވިގެންދާނެކަމަށެވެ. އަދި، ކުރިޔަށް އޮތް ތާނގައި އަތޮޅު ހޮސްޕިޓަލް ނޫނަސް އާބާދީ ބޮޑު އަދި ޑައިލަސިސް ފަރުވާ ހޯދަންޖެހޭ މީހުން ގިނަ ރަށްތަށް ބަލައި، އެރަށްތަކުގައި ޑައިލަސިސް ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ.



