އިމިގްރޭޝަން ވޮޗް އަށް ރިޕޯޓް ކުރި ތަނެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އިމިގްރޭޝަނުން ހިއްސާކުރި ޕޯސްޓުގައި ވާގޮތުންނަމަ، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިމިގްރޭޝަނުން ބަލާ ފާސްކޮށްފައިވަނީ، ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތްދެމުން ގެންދިޔަ ތަނެކެވެ. އަދި، އެ ރެއިޑްގައި އެތަނުގައި ހަރަކާތްތެރިވި 4 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
އިމިގްރޭޝަން ވޮޗް އަކީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މިދިޔަ މަހު ތައާރަފުކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލްގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެ އެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުގެ އިތުރުން، އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް، އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ހުށަހެޅޭނެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް، ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.
ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.



