ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމު ގޮތުން ’ދިވެހި ސަރުކާރާއި ޗައިނާގެ ’ސީޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް‘ އާއި ’ސީޝުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ‘ އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލް އެންޑް އެނިމަލް ވެލްފެއަރ ގެ ޑިރެކްޓަރ އަލީ އާމިރު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ’ސީޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް‘ ގެ ޗީފް އެގްރޮނޮމިސްޓް ޝޫ ބިން އަދި ’ސީޝުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް’ގެ ރައީސް މޫ ޖިންގްޔީ އެވެ.
މި އެމްއޯޔޫގެ ދަށުން، ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި، މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތައާރަފްކޮށްދިނުމާއެކު، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ އެކަން ކުރާނެ ގޮތުގެ ނަމޫނާ ދައްކައިދިނުން ހިމެނެއެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދު ދިނުމަށް ޖަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި، ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުން ހިމެނެއެވެ. އަދި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުންވެސް މި އެމްއޯޔޫގައި ހިމެނެއެވެ.
މި އެމްއޯޔޫގައި ސޮއިކުރީ، ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގަ ތެރޭގައެވެ.



