ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 3 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަން ވޮޗް އަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން މިއަދު ހެނދުނު އިމިގްރޭޝަނުން ބަލާ ފާސްކޮށްފައިވަނީ، ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެކެވެ. އިމިގްރޭޝަނުން ބުނީ، ރިޕޯޓް ލިބިފައިވަނީ އެގޭގައި ބިދޭސީންތަކެއް ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައެއް ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން އެގެ ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިއަ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސް، އެތަނުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
”މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، މިކަން ވާނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި.“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ޚިދުމަތް ދެމުންދިއަ ކަމަށް އިމިގްރޭޝަން ވޮޗް އަށް ރިޕޯޓު ކޮށްފައިވާ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިއަ 4 ބިދޭސީއަކު އިއްޔެވެސް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަން ވޮޗް އަކީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މިދިޔަ މަހު ތައާރަފުކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލްގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެ އެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުގެ އިތުރުން، އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް، ކާކުކަން ނޭނގޭގޮތަށްވެސް ރިޕޯޓް ހުށަހެޅޭނެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް، ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.
ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.




