އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީއަށް އާ ޖެންސެޓެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.
ފެނަކައިން މިއަދު ބުނީ، އެ ސިޓީއަށް ގެންދަނީ 1,600 ކިލޯވޯޓްގެ ޖެންސެޓެއްކަމަށާއި، އެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދަށްވެ، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ މިހާރު ވަގުތީ ގޮތުން ހައްލުކުރެވިފައިވީ ނަމަވެސް، ކުރިޔަށް އޮތް ތާނގައިވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކުންފުނިން ދެމުން ގެންދާ ޙިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް 20 ޖެނެރޭޓަރު ސެޓް ބަހައްޓާފައިވާއިރު އޭގެ ތެރެއިން 5 ޖެނެރޭޓަރު ހަލާކުވެފައިވާތީ މިވަގުތަށް އުފެއްދެނީ 15.5 މވ ގެ ކަރަންޓެވެ. އެހެންކަމުން ޕީކް ގަޑީގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ކަރަންޓް ބޭނުންވާ ގަޑިތަކުގައި ގާތްގަނޑަކަށް 12 މވ ގެ ކަރަންޓް ބޭނުންވާއިރު، އެ ބޭނުންވާ ކަރަންޓް މެދުކެނޑުމެއްނެތި ދިނުމަށްޓަކައި އާ ޖަނަރޭޓަރެއް ގަނެފައިވާއިރު، އެ ޖަނަރޭޓަރު ބަހައްޓާ އޯގަސްޓްމަހުގެ ތެރޭގައި ނިންމުމަށް ވަނީ އާމާޒު ކަނޑައަޅާފަ އެވެ. އަދި، ހަލާކުވެފައިވާ 5 ޖަނަރޭޓަރުގެ ތެރެއިން، 3 ޖެނެރޭޓަރަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދާ 3 ޖެނަރޭޓަރުވެސް އޯގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހަލާކުވެފައިވާ 2 މވ ގެ 2 ޖެނެރޭޓަރު އޯވަހޯލްކޮށް މިއަހަރުތެރޭގައި އޮޕަރޭޝަނަލައިޒް ކުރެވޭނެކަމަށާއި، މި މަސައްކަތް ނިމުމުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް މައްސަލަައަށް ކުރު ރާސްތާއެއްގެ ހައްލެއް ލިބިގެންދާނެކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އައްޑޫ ސިޓީގ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށް، ޑީސަލް ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޮރ އައްޑޫ ސިޓީގެ ނަމުގައި ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހާވާލުކޮށްގެން ޒަމާނީ ޕަވަރ ހައުސްއެއް ޤާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.



