ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މޫސާ ޒަމީރު ވަނީ 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް ހޮވިވަޑައިގެންފައި ވާތީ ސެކްރެޓަރީ ޖެނެރަލް އެމް.ޑީ. ގޮލަމް ސަރުވާރަށް އަށް މަރްޙަބާ ދަންނަވާފަ އެވެ. އަދި، ސެކްރެޓަރީ ޖެނެރަލް ގެ ތަޖްރިބާއާއި ހިންގުންތެރިކަމުން ސާކް ގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަގުފަހިކޮށްދެއްވާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ސާކްގެ މަސަތްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވާފައި ވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު އަރިހުގައި ފޮރިން ސެކްރެޓްރީ ފާޠިމަތު ޢިނާޔާ، އެޑިޝަނަލް ސެކްރެޓަރީ މުޙައްމަދު ފައިޞަލް އަދި އެސިސްޓެންޓް ޑިރެކްޓަރ ލީން ފަޒީޙް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، ސެކްރެޓަރީ ޖެނެރަލް އަރިހުގައި ސާކްގެ ސޯޝަލް އެފެއާޒް އެޓް ސެކްރެޓޭރިއެޓް ގެ ޑިރެކްޓަރ ޝާހިޔާ އަލީލިމަނިކް ބައިވެރިޑައިގެންނެވި އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ، މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މެންބަރު ގައުމުތަކަށް ތައާރަފްވުމުގެ ގޮތުން ކުަރައްވާ ދަތުރުފުޅުގެ ތެރެއިން ދަތުރުފުޅެކެވެ. އެ މަނިކުފާނު 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ މަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2024 ވަނަ ދުވަހު އެވެ.
ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގަ އެވެ. ދިވެހިރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ޤައުމެއްވެސްމެއެވެ.




