މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތިން މެންބަރުން މިއަދު ހުވާ ކުރައްވައިފި އެވެ.
މިއަދު ހުވާ ކުރެއްވީ، ޖުލައި 20 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ތިން މެންބަރުންނެވެ. އެއީ، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި ފާތިމަތު ޝައުފާ ސަލީމް، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި ފާތިމަތު އިޝާން އަދި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި އަލީ އައިމަން އެވެ.
މި ތިން ބޭފުޅުން ކައުންސިލަރުގެ ކަމުގެ ހުވާކުރެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ދަރުބާރުގަ އެވެ. މީރުމާ މާލަމުގައި ބޭއްވި އެ ދަރުބާރުގައި، އެބޭފުޅުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޯޓުގެ ގާޒީ މުހައްމަދު ސަމީރެވެ.
މި ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްވަނީ އެބޭފުޅުންނަށާއި އަދި އެބޭފުޅުން ނިސްބަތްވާ ޕީއެންސީއަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފަ އެވެ. އަދި، ރައްޔިތުން ވޯޓް ދެއްވި މަގުސަދު ހަނދާންކުރައްވައި، އިޚުލާޞްތެރިކަމާއެކު ޚިދުމަތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
”މަޤާމުތަކަށް ވޯޓުން އިންތިޚާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައި ގަންނަވާނެ ހިތްހަމަޖެހުމަކީ، ތިމަންނާގެ ޤާބިލުކަމާއި އިޚުލާޞްތެރިކަން ޤަބޫލުކުރާ، ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން. މީގެ ސަބަބުން މި ގާބިލްކަމާއި އިޚުލާޞްތެރިކަން ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ. ވެރިޔަކަށް ލިބިވަޑައިގެންފައި އޮންނަ އިޚުތިޔާރުގެ ދަށުން މަޤާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، މި އިޙުސާސްއެއް ނުކުރެވޭނެ. އެހެން ކަމުން ރައްޔިތުންގެ އުއްމިދުތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް މަސައްކަތް ކޮށް ދެއްވުމަށް، މިއަދު ހުވާކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ހަނދާންކޮށްދެން.“ އާޒިމް ވިދާޅުވި އެވެ.
ކައުންސިލަރުން ހުވާ ކުރެއްވުމަށް ބޭއްވި ދަރުބާރުގައި މޭޔަރު އާޒިމް ދެއްކެވި ވާހަކަފުޅުގައި، އަަލަށް ހުވާކުރެއްވި ކައުންސިލަރުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ދާއިރާގެ ކަންކަން ހައްލުކުުރުމަށް މަޝްވަރާގެ އުސޫލުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
”އަޅުގަނޑުގެ އެދުމަކީ ކައުސިލަށް ހޮވިވަޑާގެން މެންބަރުން މާލެ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައަޅާދެއްވުމުގައި އަޅުގަނޑަށް އެހީތެރިކަން ދެއްވުން، އެއްބާރުލުން ދެއްވުން. ތިޔަ މެންބަރުގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންތައް ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް އަޅުގަނޑާއި ގުޅިގެން މަސައްކަތްކޮށްދެއްވުން، ސިޔާސަތުތަށް ކަނޑައަޅާ ދެއްވުމުގައި އެހީތެރިވެދެއްވުން.“ އާޒިމް ވިދާޅުވި އެވެ.
ކައުންސިލަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފްއާއި، ލޯކަލް ގަވަންމަންޓް އޮތޯރީ(އެލްޖީއޭ)ގެ ސިއީއޯ މުހައްމަދު ނިމާލްވެސް ބައިވެރިވަޑައިގެންނެވި އެވެ.



