މާލެ ސިޓީ، މާފަންނު ސަހަރާ ހުސްކުރުމަށް ނިންމައި އެކަންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ، މާލެ ސިޓީގައި ކުރިން ބޭނުންކުރަމުން އައިސްފައިވާ ސަހަރާތަކުގެ ތެރެއިން، މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަޙައްދު ހުސްކުރަން ނިންމާފައި ވާކަމަށެވެ. އަދި، އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.
ސަހަރާ ހުސްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި 36،153 ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ، ފުރޭނުމަށްފަހު ހުޅުމާލެ ސަހަރާއަށް އިތުރުވާ ވެލި ގެންގޮސް ފުނިޖަހަން ޖެހެއެވެ. އަދި، މާފަންނު ސަހަރާގެ ފާރުނަގައި، ސަހަރާގެ ގޯތިތެރޭގައި ހުރި ގަސްތައް ނެގުމަށްފަހު އަލުން ކައުންސިލުން ދައްކާ ތަނެއްގައި އިންދަންޖެހެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހު އެކައުންސިލުން މައުލޫމާތު ސާފުކުރުމަށްފަހު، މިމަހުގެ 20 ވަނަ ދުވަހުގެ 13:00 ގެކުރިން އަގު ހުށަހެޅުމަށް ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ވިޔަފާރިތަަކަށެވެ. އަދި، ބިޑަށް ކުރިމަތިލާ ކުންފުންޏަކީ، މަސައްކަތައް ބޭނުންވާނެ ވަސީލަތްތައް އޮޕަރޭޓްކުރާ އަދި މާލެ ސިޓީގައި އެކްސްކެވޭޝަން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވާންޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ސަހަރާގައި ކޮނުމުގައި އަމަލުކުރަންޖެހެނީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.




