ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާކަަމަށެވެ. އެގޮތުން، ފެންބޮޑުވެދާނެކަމަށް ތައްޔާރުވެ، ގެއަށް ފެންނުވަންނާނެހެން ރައްކާތެރިކޮށް، ފުރާޅާއި އެހެނިގެން ތަކެތި ރައްކާތެރިކުރުމަށް އެދިފައި ވެއެވެ. އަދި، ގޭ ބިސީތަކުގައި ގެންގުޅޭ ކަރަންޓު ސާމާނު ރައްކާތެރިކޮށް، މުދާ ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުން، ކޮންމެހެން ކުރަން ނުޖެހޭ ކަނޑު ދަތުރުތައް ފަސްކުރުމަށާއި، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވެ، ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރުކުރުމަށް ފުލުހުން އެދިފައި ވެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތެއް ކުރިމަތިވެއްޖެނަމަ 119 އަށް ގުޅައި އެހީތެރިކަން ހޯދުމަށްވެސް ފުލުހުން އެދުފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ އެވެ. އަދި، ގަޑިއަކު 40 މޭލާއި 45 ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.




