އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްފި އެވެ.
އިންޑިއާގެ ފަރާތުން މި މަޝްރޫއުތައް ދިވެހި ސަރުކާރާއި ރަސްމީގޮތުން ހަވާލުކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި، މި ރަސްމިއްޔާތުގައި، މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ.
މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްޤީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިންޑިއާއާއި ރާއްޖޭގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވި އެވެ.



