ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ތާރީހީ އަދި ގާތް ގުޅުން ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ދިވެހި ސަރުކާރާއި ހަވާލުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަަކަފުޅުގައި، ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ތާރީހީ އަދި ގާތް ގުޅުން ބަދަހިކުރުމަށް ސަރުކާރުންވެފައިވާ ވައުދު ފުރިހަމަކުރައްވާނެ ކަމުގެ ޔަގީންކަން އަލުން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި، އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިއޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް މަދަދުގާރެއްގެ އިތުރުން އަގުނުކުރެވޭ ބައިވެރިއެއްކަމަށެވެ. އަދި، އިންޑިއާއަކީ ރާއްޖެއަށް ބޭނުން ޖެހޭ ކޮންމެ ފަހަރަކު އެކަމަކަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރީ ސަފުގައި އޮންނަ ގައުމެއް ކަން ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީކަންކަން ކުރިއަރައިދިއުމާއި އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއްލިބި މުޅި ޤައުމުގެ ފާގަތިކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫޢުތަކަކީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އައުކުރައްވަމުން އެ ދަޢުވަތު ދެއްވިކަމަށްޓަކައި އަދި އެ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރާއި ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަށްޓަކައި ޝުކުރުއަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި “އިންޑިއަން ގްރާންޓް އެސިސްޓެންސް“ގެ ދަށުން ހިންގާ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ތަކަކީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަރައްޤީގައި ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސްކީމްގެ ދަށުން މިހާރުވެސް އިންޤިލާބީ ކުރިއެރުންތައް ލިބޭނެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އެބަދާ ކަމަށާއި އުންމީދަކީ، އެ މަޝްރޫޢުތަކުގެ ފައިދާ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަވަހަށް ފޯރުންކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލައިން އޮފް ކްރެޑިޓް ފެސިލިޓީ ރީސްޓްރަކްޗަރ ކުރުމުގައި ދެއްވި ލުއިފަސޭހަކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވި އެވެ. އަދި، ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާފަ އެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.



