ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އޮތީ ތައްޔާރަށް: ޖެއި ޝަންކަރް
ދިވެހިރާއްޖެއަށް ބޭނުންވާ ހުރިިހާ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ އަރިސްކުރައްވައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އަދި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ވަނީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއި، ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރެވިދާނެ އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން އިޤްތިޞާދީ ދާއިރާ، ބޯހިޔާވަހިކަން، ދިފާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އުމްރާނީ ތަރައްޤީއާއި އަދި ޤާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ތަރައްޤީގެ މަގުގައި ދެ ޤައުމުގެ ކުރިމަގަށް ފައިދާވާނެ ކަންކަމުގައި އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ. އަދި ދެ ޤައުމުގެ ގުޅުމަށް ފާގަތިކަމާއި އާރޯކަން ކުރިއަށްއޮތް އަހަރުތަކުގައި ގެނައުމަށް މަސައްކަތް ކުރެއްވުމަށްވެސް ދެބޭފުޅުން ޔަޤީންކަން ދެއްވިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގަ އެވެ.




