ދިފާއީ ކަންކަމަށް ހައްލު ހޯދުމަށް އިސްތިރާޖީތައް އެކުލަވާލުމަށް ރާއްޖެއާ އިންޑިއާއިން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރާއެކު ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މިއަދުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ދާއިރާތަކަކީ ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން ދެ ޤައުމުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނެވެ. އަދި، ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންކަމަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން ސަލާމަތީ އިސްތިރާޖީތައް އެކުލަވާލުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ އިސްތިޤްލާލާއި ސަރަޙައްދީ އިންފާރުތަކަށް އިޙްތިރާމްކުރުމާއެކު، ސަރަޙައްދުގެ ސަލާމަތާ ހަމަޖެހުމަށާއި، ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށްކުރުމާމެދު ވެސް މަޝްވަރާކުރެއްވި އެވެ. އަދި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އިތުރު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާރސް މިނިސްޓަރ މަޝްވަރާކުރެއްވި އެވެ.




