ކ. މާފުށީ ޖަލުގައި ތިބި ގައިދީންނަށް، އެތަނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދަން އެހީތެރިވިކަމަށް ތުހުމަތުކޮށް، ފުލުހުން ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 13 މުވައްޒަފެއްގެ މައްސަލަ ތަހްގީގުކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މި 13 މީހުން ހައްޔަރުކޮށްފައިވަނީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސް އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މީގެ ތެރެއިން 9 މީހަކު ކ. މާފުށިން ހައްޔަރުކޮށްފައިވާއިރު، އަނެއް 4 މީހުންގެ ތެރެއިން 2 މީހުން ކާށިދޫން އަދި 2 މީހުން ހައްޔަރުކޮށްފައިވަނީ އުތީމުންނެވެ.
މި މައްސަލައިގައި މިއަދު ފުލުހުން ބުނީ، މި 13 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމާ ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މިއަދު ފޮނުވާފައި ވާކަމަށެވެ. ފުލުހުން މިއަދުވަނީ ހައްޔަރު ކުރި މީހުންގެ ފޮޓޮއާއި ވަނަވަރުވެސް ހާމަކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތަފުސީލު:
- ޒަޔާން އަހްމަދު(23އ)، ކ. މާފުށި/ މާވިނަ
- ޔާމީން ހުސައިން(23އ)، ރ. މީދޫ/ ހިޖާޒް
- އަހްމަދު ޝަމާލް(24އ)، ށ. ފޯކައިދޫ/ ފަހާގެ
- މުހައްމަދު ރިމާޒް(29އ)، ށ. ފޯކައިދޫ/ ދަނބުމާގެ
- އަލީ އަޝްފާގް(32އ)، ނ. ލަންދޫ/ ކާމިނީގެ
- އަހްމަދު އަނޫފް(27އ)، ކ. ކާށިދޫ/ ބިންމަތީގެ
- މާޒިން ހަމީދު(22އ)، ފ. ނިލަންދޫ/ ހަވޭލީ
- ޖިނާހް އަބްދުއްރަހީމް(29އ)، ރ، އުނގޫފާރު/ އައިވަރީ ހައުސް
- މުހައްމަދު ފަތޫހު ފަތުހުﷲ(24އ)، ގއ. ވިލިނގިލި/ ކުއްޅަވައްގެ
- އަލީ ހިޝާމް(33އ)، ކ. މާފުށި/ ބީޗް ހައުސް
- އަލީ ނާޒިމް(36އ)، ހދ. ނޭކުރެންދޫ/ ތަރާނާގެ
- މުހައްމަދު ނަބީލް އިބްރާހިމް(23އ)، ކ. މާލެ/ މ. މޭދާ
- މުހައްމަދު ނަބްހާން(30އ)، ކ.މާލެ/ ގ. އިވްނިންގ ސްޓަރ
މި މައްސަލައިގައި، ފުލުހުން މީގެކުރިން ބުނެފައިވަނީ، އިންޓެލިޖެންސުން ހިއްސާކުރި މައުލޫމާތުގެ އަލީގައި ހޯދި ހޯދުމުން، ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ މައްސަލަތަކެއް ފާހަނގަ ކުރެވިފައިވާއިރު، މައްސަލައިގަ ހިމެނެނީ މުޅިންވެސް ޖޫނިއާ ރޭންކްގެ މުވައްޒަފުންކަމަށާއި، އެ 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަކިވެފައިވާކަމަށެވެ.
ޖަލުގައި ތިބި ގައިދީންނަށް އެހީވި މީހުންގެ އެކައުންޓްތަކަށް އެކިދުވަސްމަތިން 27.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން އިންޓެލިޖެންސް ރިޕޯޓުން އެނގިފައިވާކަމަށް ފުލުހުން މީގެކުރިން ބުނެފައި ވެއެވެ. އެމީހުންގެ އެކައުންޓުގައި ހުރީ ފައިސާގެ ތަފުސީލަށް ބަލާއިރު، ޖަލުގައި މިހާރު ހައްޔަރުގައި ތިބި ގައިދީންގެ ފަރާތުން އެމީހުންގެ އެކައުންޓުން ޖަމާކުރި އަދި މާލޭގައި ކުށުގެ ވެށީގައި ހަރާކާތްތެރިވާ މީހުންގެ އެކައުންޓުތަކުން އެ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.




