އިޒްރޭލު ސިފައިން ފަލަޞްޠީނުގެ ގާޒާގެ އަލް-ތާބިއީން ސްކޫލަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
އިޒްރޭލުގެ ހަމަލާ ކުށްވެރި ކުރައްވައި އެކްސްގައި ރައީސް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޣައްޒާގެ އަލް-ތާބިއީން ސްކޫލަށް އަމާޒުކޮށް އިޒްރޭލުގެ އަސްކަރީން ދިން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އެ ހަމަލާގައި އެ ސްކޫލްގައި ހިމާޔަތް ހޯދައިގެން ތިބި އަންހެނުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން، ޝަހީދުވެ، ޒަޚަމްވެގެން ދިޔަ ހިތްދަތި ބިރުވެރި މަންޒަރުތަކުގެ ފޮޓޯ ދައުރުވަމުންދާކަން ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަޞްޠީނުގެ 39،000އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. މިއީ، އިޒްރޭލުން ގާޒާއަށް ހަމަލާ ދިނުން ހުއްޓާލުމަށް މަސައްކަތެއް ނުކުރާކަމާއި، އެގައުމުން ބައިނަލްއަގުވާމީ އިންސާނިއްޔަތުގެ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފުވާކަމުގެ ސާފު ހެއްކެއް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ގާޒާގެ ރައްޔިތުން ހިމާޔަތްކޮށް އިޒްރޭލުގެ މިއަމަލުތައް ހުއްޓުވައި އެގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވަމުންނެވެ.
އިޒްރޭލުން ހަމަލާދިން މި ސްކޫލަކީ 6,000އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން އައި ސްކޫލެކެވެ. އިއްޔެ ފަތިހު ދިން މި ހަމަލާގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ހަމަލާ ދީފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކު ޖަމާޢަތުގައި ފަތިސް ނަމާދު ކުރަމުން ދިޔަ ވަގުތާ ދިމާކޮށްނެވެ.



