ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ ގާނޫނުތަކާއި ގަވާއިދުތަކަށް ދަރީން އަހުލުވެރިކުރުވައި، އެކަންކަމަށް ހޭނުވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިވާކަން ފާހަގަކުރައްވައި، ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމުކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ އޮއިވަރާއި އަންނާނޭ ބަދަލުތަކަށް ރިއާޔަތްނުކޮށް، އެކަށީގެންވާ ޕްލޭންކުރުމަކާ ނުލައި މާލެއާއި ރަށްތަކުގެ މަގުތައް ހެދުމުގެ ފިޔަވަޅުކަމަށް ވިދާޅުވި އެވެ. ބަވަނަވަމުންދާ މިއަދުގެ ތަރައްގީއާއެކު މަގުމަތީގެ ވެހިކަލްތައް ގިނަވެ، ސްޕީޑް ބާރުވެ، މަގުތަކުގެ އަޑުގަދަވެ، ވައި ތަޣައްޔަރުވެފައިވާ ކަމަށާއި، ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރަންޖެހިފައިވާކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ކޮންމެ ހަފުތާއަކުވެސް އެކްސިޑެންޓްތަކުގެ ހިތާމަވެރި އަޑު އަހަމުންދާކަމަށް ވިދާޅުވި އެވެ. ޚާއްޞަކޮށް މާލޭގެ ގިނަ މަގުތައް ހުރީ ދުއްވަން ދަތި، ހިނގާބިނގާވެ އުޅެން ދަތި ހާލުގައިކަމަށާއި، މިކަންކަން ހައްލުކުރުމަށް ހިކުމަތްތެރިކަމާއެކު އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވި އެވެ. އަދި، މަގަކީ އެންމެންގެ ތަނެއް ކަމަށާއި، މަގުމަތި ބޭނުންކުރާ އެންމެންނަށްވެސް އެއީ ރައްކާތެރި ތަނަކަށް މި ޤައުމުގައިވެސް ހަދަންޖެހޭކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، އާއިލާތަކަށް ހިތްފަސޭހަ ތަނަކަށް، އުފާވެރި ތަނަކަށް މަގުތައް ވާންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރުރާސްތާ އަދި ދިގުރާސްތާ ޕްލޭންތައް ކުރަންޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން، މަގުމަތި އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިގެން އަންނަނީ ފަރުދުންނާ ހިސާބުން ކަމަށާއި، ކޮންމެ ފަރުދަކުވެސް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑުގައި ދުއްވުމާއި، އޯވަރޓޭކް ކުރުމުގައި ސަމާލުކަން ދިނުމާއި، މަގުހުރަސްކުރާ މީހުންނަށް ތަންދިނުމަކީ މުހިންމު ކަންކަން ކަމަށް ވިދާޅުވި އެވެ. އަދި ދުވާރުމަތިން ހިނގަން އާދަކުރުމާއި، ކަފިހުރަސް ބޭނުންކޮށްގެން މަގުހުރަސްކުރުމާއި، ދުއްވާ އެއްޗެއްސަށް ސަމާލުކަން ދީގެން މަގުގައި ހިނގާބިނގާވެ އުޅުމަކީ ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މަގުތަކުގައި ހިނގާ ޤާނޫނާ ޤަވާޢިދާ ޚިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ”މާލެ ފަހި“ ޕްރޮގްރާމު މިހާރު ފެށިފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

”ރައްކާ“ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލުކޮށްދެއްވި އެވެ. އަދި، ރައްކާ ކުރިޔަށްގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
”ރައްކާ“ އަކީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ރައްކާ ރޯޑް ޝޯވ 2024 ކުރިޔަށްގެންދަނީ ފުވައްމުލައްސިޓީގަ އެވެ.
މި ޕްރޮގްރާމް ފުވައްމުލަކުގައި ކުރިޔަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި އޮގަސްޓް މަހުގެ 03 އިން 08 އަށް ކުރިއަށް ގެންގޮސްފައި ވަނީ ސަތޭކަ ވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ. ޕްރޮގްރާމުގެ ދެވަނަ ބައިގައި ހިމެނޭ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10އިން 17 އަށެވެ.



