އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ހަންކެޑެ ބްރިޖްގެ މަސައްކަތް ނިންމައި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް ނިންމައި ދިވެހި ސަރުކާރާ މިއަދު ހަވާލުކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި، އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު، ޑރ. އެސް ޖަޔަޝަންކަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް އެވެ.
ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ދަށުން، ހިތަދޫން ހިއްކި 80 ހެކްޓަރުގެ ބިމާއި، މަރަދޫން ހިއްކި 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން ހިއްކި 3.3 ހެކްޓަރުގެ ބިމާއި، ހަންކެޑެއަށް އިތުރުކުރި 4.7 ހެކްޓަރުގެ ބިމާއި، ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 8.3 ހެކްޓަރުގެ 3 ރަށް ހިމެނޭގޮތަށް ޖުމްލަ 184 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
އައްޑޫ ގޮނޑުދޮށް ނުވަތަ ހިއްކި ބިން ސަރަަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 7 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާ ހިމާޔަތްކޮށްފައި އެވެ. މި 2 މަޝްރޫއުގެ މަސައްކަތް ކުރީ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑުންނެވެ.
މިއަދު އިފްތިތާހު ކުރި ތިން ވަނަ މަޝްރޫއަކީ، އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއާ އެކުއެކީގައި ކުރިޔަށްގެންދިޔަ ހަންކެޑެ ބްރިޖް އެވެ. 1.463 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭން އެކުލެވޭގޮތަށް، ”ހަންކެޑެ“ ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރި މަގެކެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.



