އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރް، ރާއްޖެއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާ ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ ގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިން އައްޑޫ ސިޓީގެ ބިން ހިއްކުމާއި، ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި، އައްޑޫ ގައި ތަރައްގީކުރި ހަންކެޑެ ބްރިޖް އިފްތިތާހު ކޮށްދެއްވުމަށް ފަހު އިންޑިއާއަށް ފުރާ ވަޑައިގެންނެވީ އައްޑޫ މަގުންނެވެ.
ޖަޔަ ޝަންކަރް ރާއްޖެއަށް ކުރެއްވި މިދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ޣައްސާސް މައުމޫނާއި ބައްދަލުކުރައްވާ ދެގައުމަށް ފައިދާ ކުރަނިވި މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ.
ދަތުރުގެ ފުރަތަމަ ދުވަހު އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް – ގްރޭންޑް އެސިސްޓަންސްގެ ދަށުން ހިންގާ ހަ މަޝްރޫއު އިފްތިތާހުކޮށް ދިވެހި ސަރުކާރާއި ހަވާލުކުރެއްވި އެވެ. އަދި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އާއި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އާއިއެކު ވެވުނު އެއްބަސްވުމުގެ އިތުރުން 1000 ސިވިލް ސަރވިސް އޮފިސަރުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަން އަދި އެން.ސީ.ޖީ.ޖީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ނޯޓް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންެ ވިއެވެ.
އަދި، އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ގާއިމުކުރި 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފަ އެވެ. މީގެ އިތުރުން ތިލަމާލެ ބްރިޖުގެ އެއްގަމާއި މޫދުގައި މަސައްކަތް ހިންގަމުންދާ ގޮތްވެސް ބައްލަވާލެއްވި އެވެ.
ޖަޔަޝަންކަރްގެ މިދަތުރުފުޅަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅެކެވެ.


