އިމިގްރޭޝަނާ ގުޅުންހުރިމައްސަލަތަކުގެ ޝަކުވާ ހުށަހެޅުމަށް އިމިގްރޭޝަނުން ތައާރަފުކޮށްފައިވާ ”އިމިގްރޭޝަން ވޮޗް“ ޕްލެޓްފޯމް މެދުވެރިކޮށް އާންމުން ހުށަހަޅާފައިވާ 139 މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ”އިމިގްރޭޝަން ވޮޗް“އަށް މިހާތަނަށް 290 މައްސަލައެއް މިހާތަނަށް ރިޕޯޓް ކޮށްފައިވާކަމަށާއި، އޭގެތެރެއިން 139 މައްސަލައެއް މިހާރު ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި، 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި، ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް އެއީ ކަމާ ގުޅުން ނެތް މައްސަލަތައްކަންވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ. އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް 24 ގަޑީއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި އެއިދާރާއަށް ރިޕޯޓް ކުރުމަށް ކަނޑައެޅިފައިވާ އިމިގްރޭޝަން ވޮޗް ނިޒާމުގެ ތެރެއިން ޤަވާދައިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރަމުން ދިއުމަށް އެދިފައި ވެއެވެ.
އާންމުން ހުށަހަޅާ ޝަކުވާތައް ވެރިފައިކުރުމަށްފަހު،އޭގެމައްޗަށް ބިނާކޮށް އިމިގްރޭޝަނުން ތަންތަން ރެއިޑްވެސް ކުރެއެވެ. އޭގެތެރޭގައި ގަވާއިދާޚިލާފަށް އުޅޭބިދޭސީން މަސައްކަތްކުރާ ތަންތަން ހިމެނެއެވެ. އިމިގްރޭޝަނުން ވަނީ ދާދިފަހުންވެސް ސާފުތާހިރުކަން ކުޑަކޮށް، ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް ހުޅުމާލޭގައި ބަލާފާސްކޮށްފަ އެވެ. އެ މައްސަލާގައި 2 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އިމިގްރޭޝަނުން ވަނީ ސާފުތާހިރުކަމުގެ މިންގަނޑާއި އިޖްތިމާޢީ މިންގަޑަށް ތަން ނުފެތުމުން ކަމާބެހޭ އިދާރާތަކަށް އެކަން އަނގާފައެވެ.




