މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރު އިތުރު 11 ދުވަހަށް ދަންމާލައިފި އެވެ.
މަޖިލީހުގައި މި ވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، ދައުރަށް 11 ދުވަސް އިތުރުކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ.
ރިޔާސަތުން ހުށަހެޅުއްވި ގޮތާމެދު ވަކިގޮތެއް ނިންމުމަށް މިއަދު ގެ ޖަލްސާގައި ނެގި ވޯޓުގައި 80 މެންބަރުން ވޯޓްދެއްވީ ދައުރު ދަންމާލަން ފެންނަކަމަށެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މިގޮތަށް ފާސްކުރަން ބޭނުންވަނީ، 41 ވޯޓެވެ. ވޯޓްގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މިގޮތަށް ފާސްވުމާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މިމަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް ދައުރު ދަންމާލަން ފާސްވިކަން އިއުލާނު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާގޮތުންނަމަ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަހެވެ.



