މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެއަށް ތާއިދުކުރީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޝަމީމަށް އިތުބާރު ނެތްކަމުގެ މައްސަލަ ފަށަން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ޝަމީމަށް، ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ނުކުރޭވޭ ކަމަށް ބުނެ، ޝާހިދު ހުށަހެޅުއްވި މައްސަލައިގައި 8 ކަމެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެތެރޭގައި، ކުރީ ސަރުކާރުން ހިންގި ވެންޓިލޭޓަރު މުއާމަލާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވުނު ރޭޕްގެ ތުހުމަތުގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫގްގެ މައްސަލަ ފައިލް ނުކުރަން ނިންމުން ހިމެނެއެވެ.
މި މައްސަލަ ސިޓީއަކުން މެންބަރު ޝާހިދު ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށްވެސް ފޮނުއްވާފަ އެވެ.




