ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިއަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ، ދޯހާ މަގުން ރާއްޖެއައި ނެދަލޭންޑްސްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއްކަމަށްވާ މަސޭޒާ އެނޯކް ޑައިސޮނަމާކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ މީހާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގު ފެނިފައިވާއިރު، އޭގައި ހަ ރަބަރު ޕެކް އޮތެވެ. އަދި، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ”methylmethcathinone 2-MMC“ އަށް ޕޮޒިޓިވް ވެފައިވާކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި މިމީހާ ބުނެފައިވަނީ އޭނާ ރާއްޖެއަށް އައީ ޗުއްޓީހޭދަކުރުމަށް ކަމަށެވެ. އަދި، މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ ލަގެޖުކަމަށް އެއްބަސްވި ނަމަވެސް ލަގެޖަށް މަސްތުވާތަކެތި ލާފައިވަނީ އޭނާ ނޫންކަމަށް ބުނެފައި ވެއެވެ. އަދި، އެއަށް މަސްތުވާތަކެތި ލާފައިވަނީ ލަގެޖް ޕެކްކުރި މީހުން ކަމަށާއި އޭނާއަށް އެއީ މަސްތުވާތަކެތިކަން ނޭނގޭކަމަށް، އޭނާއާ ހަވާލާދީ ބަންދު އަމުރު ރިޕޯޓުގައި ވެއެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.
ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ރާއްޖެއައި މެލޭޝިއާ ފަތުރުވެރިއަކުވެސް މަސްތުވާތަކެތި އެތެރެކޮށްފައި ވެއެވެ. އޭނާ އެތެރެކުރި ކެނެބިސްގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުއްޓެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ.




