ވިއްސާަރަވެ ފެންބޮޑުވާނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން 14:15 އިން 18:15 އަށް އޮރެންޖް އެލާޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށެވެ. އެލާޓް ނެރެފައިވާ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް އިރު އޮއްސި 06:15 އާ ހަމަޔަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. އެލާޓްނެރެފައިވާ ވަގުތުތަކުގައި އެސަރަހައްދަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރާގައި، ބައެއް ރަށްރަށަށް ގެއްލުންވަމުންދާތީ އެމްއެންޑީއެފްއާއި ފުލުހުންނާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ދަނީ އެހީތެރިވަމުންނެވެ.
ކަމާއި ގުޅޭ އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ. ވަކިން ޚާއްސަަކޮށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ދަތުރު ނުކުރުމަށާއި، ދަތުރަށް ފެށުމުގެ ކުރިން ސަލާމަތީ އާލާތްތައް ހުރިތޯ ޔަގީންކުރުމަށްވެސް އިދާރާތަކުން އެދިފައި ވެއެވެ.




