މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައިވާތީ، އާންމު ހާލަތަކަށް އަންނަންދެން އުޅަނދުތައް ދުއްވުމުގައި ސަމާލުވާންވީ ކަންތައްތައް ފުލުހުންގެ ޚިދުމަތުން އަންގައިފި އެވެ.
ފުލުހުން ވަނީ މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތައް މާލޭ މަގުތަކުގައި ނުދުއްވުމަށް އަންގާފަ އެވެ. އަދި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފަގަ އެވެ. ފުލުހުންވަނީ، މިފަދަ ހާލަތްތަކުގައި ރައްޔިތުން ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު ދަންނަވާފަ އެވެ.
މާލެ ސަރަހައްދަށް މޫސުން ގޯސްވެ، މިހާރު އޮރެންޖް އެލާޓް ނެރެފައިވާއިރު، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގެތަކަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، ފެންނަ ނުވަންނާނެގޮތަކަށް ވެލި ބަސްތާޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ދަނީ އެހީތެރިވަމުންނެވެ.



