މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ވިއްސާރައިގައި ސަރުކާރުން އަމަލުކުރައްވާނެގޮތް ބަޔާންކުރައްވައި، ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި، ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި، ގެދޮރާއި، މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެކަން ފާހަގަކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ޙައްލުކުރުންކަމަށް ވިދާޅުވެފައި ވެއެވެ. އަދި، އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަންވެސް ފާހަގަކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވެފައި ވެއެވެ.
މި ވަގުތު މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ގޯސްވެ ވާރޭވެހެމުންދާއިރު، މާލޭގެ ބޮޑު ސަރަަހައްދެގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ފެންހިންދައި ރައްކާތެރި ފިޔަވަޅު އެޅުމުގެ މަސައްކަތް އެމްއެންޑީއެފްއިންނާއި ފުލުހުން ދަނީ ކުރަމުންނެވެ. އަދި އަތޮޅުތެރޭގައިވެސް ވިއްސާރައާއި ގުޅިގެން ކުރިމަތިވާ ހާދިސާތައް ބަލައި، ކައުންސިލްތަކާއި، އެންއެމްޑީއޭއާއި ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ އެހީތެރިވަމުންނެވެ.
މި ވަގުތު މެދު ރާއްޖެތެރެ އޮރެންޖް އެލާޓްގައި އޮތްއިރު، ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް އޮތީ އިރުއޮއްސި 06:15 އާ ހަމަޔަށް ވައިޓް އެލާޓް ނެރެފަ އެވެ.



