މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރަމުން ދިޔަނަމަވެސް، ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)އިން ބުނެފި އެވެ.
ވެމްކޯއިން މިއަދު ބުނީ ވިއްސާރައާއި ގުޅިގެން ޚިދުަމަތްދިނުމުގައި ދަތިތަކެއް ކުރިމަތިވިނަމެވެސް، ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމުގައި ކަސްޓަމަރުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ.
ވެމްކޯއިން ބުނީ، މޫސުމީ މި ހާލަތުގައި ގޭބިސީތަކާއި، ވިޔަފާރިތަކުން ކުނި ނެގުމުގައި ޚާއްސަ ސަމާލުކަމެއްދީ، ވެމްކޯއިން ކުނި ނެރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ފަސޭހައިން ކުނި ނެގޭގޮތަށް ބަހައްޓައިދިނުމަށް އެދޭކަމަށެވެ. އަދި، މަގުމައްޗަށް ކުނި ނުނެރުމަށާއި، އެއްވެސް ހާލަތެއްގައި ކުނި ނުނެގި ހުރިނަމަ، ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅައިގެން ރިޕޯޓް ކުރުމަށް އެކުންފުނިން އެދިފައި ވެއެވެ.
މީގެ އިތުރުން ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު، އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް ވެމްކޯއިން އެދިފައި ވެއެވެ.
ވެމްކޯއިން ވަނީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަކަށް މައާފަށް އެދޭކަމަށެވެ. އަދި، މި ފުރުސަތުގައި ރައްޔިތުންދޭ އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރު ދަންނަވާފަ އެވެ.



