ތެލެސީމިޔާގެ ހިތްދަތިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކަށައެޅިފައިވާ 10 އަހަރު ދުވަހުގެ ތެލެސީމިއާ މާސްޓަރ ޕްލޭންގެ ވެލިޑޭޝަން ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ތެލެސީމިއާ އަކީ ޤައުމީ ބޮޑު މައްސަަލަ އަކަށްވާއިރު، ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އެގޮތުން މިސަރުކާރުން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ އެކުދިންނަށް ދެވޭ ޙިދުމަތުގެ ފެންވަރު ކަށަވަރުކޮށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އެ ޚިދުމަތްތައް ފޯރޮކޮށްދެއްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
-1723535237781.webp)
މި ސަރުކާރުކާރުން މި ބޮޑު ޤައުމީ މައްސަލައަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޑީ.އެން.އޭ ފަދަ މުހިއްމު ޓެސްޓްތައް ހެދޭނެ މަގު މިސަރުކާރުން މަގުފަހިކޮށްދީފައިވާކަމަށާއި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސައިދީފައިވާކަން ފާހަގަކުރެއްވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ޙާލަތެއްގައިކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
-1723535411911.webp)
އެކަމަނާގެ ވާހަކަފުޅުގައި ތެލެސީމިޔާ ބައްޔަށް ޚާއްޞަ ޒަމާނީ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެކުލެވިގެންވާ މަތީފެންވަރުގެ ހޮސްޕިޓަލެއް ކަމުގައި ވިދާޅުވި އެވެ. އަދި އެއީ، ތެލެސީމިޔާ ބައްޔާ ގުޅޭ އެކިއެކި ފަރުވާ ލިބިގަތުމުގައި ލުއިގޮތްތައް އިންތިޒާމުކުރެވިފައިވާ ހޮސްޕިޓަލެއް ކަމަށްވީއިރު، ފަރުވާ ހޯދަން ހޭދަވާ މުއްދަތުގައި މާލީ ގޮތުންނާއި އަދި އެ ނޫން ވެސް އެކި ގޮތްގޮތުން އުފުލަން ޖެހޭ ތަކުލީފުތަކަށް ނިމުމަކަށް އަންނާނެ ކަމަށް މެޑަމް ވިދާޅުވި އެވެ.



