މޫސުން ކުރިޔަށްލަފާ ކުރާ ގޮތަށް ބަލާއިރު، ކުރިޔަށް ތާވަލުކޮށްފައި ހުރި ދަތުރުތައް ލަސްވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްއިން މިއަދު ބުނެފައިވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން މި ހަފްތާގައި ބޯކޮށްވާރޭވެހޭނެކަމަށް ލަފާކޮށްފައިވާކަމަށެވެ. އެގޮތަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ މިހަފުތާއަށް ތާވަލުކުރެވިފައިވާ ބައެއް ދަތުރުތައް ލަސްވެ ނުވަތަ ޝެޑިއުލްއަށް ބަދަލު އައުން އެކަށީގެންވާކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
އޭގެ އިތުރުން ހުރިހައި ފަސިންޖަރުންވެސް ދަތުރަށް ތައްޔާރުވެ، އެއާޕޯޓަށް ދަތުރު ފެށުމުގެ ކުރިން މޫސުމަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެދިފައި ވެއެވެ. ވަކިން ޚާއްސަކޮށް ދަތުރަށް ތައްޔާރުވާއިރު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މިހާރު މޫސުން ގޯސްވެފައިވާއިރު، މިހާރުވެސް ހއ ފެށިގެން އދ އަތޮޅާ ހަމަޔަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިޖެހި ކަނޑުގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ބޯކޮށް ވާރޭވެހި، ފެންބޮޑުވުން ފަދަ ގެއްލުންތައް ލިބެމުންދާތީ ކަމާއި ގުޅޭ އިދާރާތަކުން ދަނީ އެހީތެރިވަމުންނެވެ. އަދި ރާއްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.



