ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މާލެ ސިޓީއިން ހާލުގައި ޖެހުނު 23 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ، މާލެއިން 256 މީހަކު އެ އިދާރާގެ އެހީތެރިކަމަށް އެދުނުކަމަށާއި، މިއަދުގެ 10:30އާ ހަމަޔަށް އޭގެތެރެއިން 5 އާއިލާއަކަށް ނިސްބަތްވާ 23 މީހަކަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
ވިއްސާރައާއި ގުޅިގެން މިހާރު ކުރިޔަށްގެންދާ އެންޑީއެމްއޭއިން ކުރިޔަށްގެންދާ އެމާޖެންސީ އޮޕަރޭޝަނުގައި މާލެ ސިޓީން އެކަނިވެސް ފެންބޮޑުވި 248 ގެއެއްގައި ވެލި ބަސްތާ ޖަހައިދީ އަދި ނަރުދަމާގެ މައްސަލަ ޖެހުނު 12 ގެއަަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ވިއްސާރައިގައި ބައެއް ރަށްތަކަށްވެސް ގެއްލުން ލިބެމުންދާތީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން އެންޑީއެމްއޭއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަތޮޅުތެރޭގައިވެސް ވިއްސާރައިގައި ގެއްލުންވެ، ހާލުގައި ޖެހުނު ފަރާތްތައް ރައްކާތެރި ތަންތަނަށް ބަދަލުކޮށް ޒަރޫރީ އެހީ ބޭނުންވާ ފަރާތްތަކަށް އެ އިދާރާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ އިދާރާއިން ވަނީ، އެންމެހައި ރައްޔިތުންވެސް މި ދުވަސްވަރު މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތެއް ދުރާލާ އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރުވެސް އޮތޯ މާލެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްނެވެ. އަދި، ވިލާގަނޑުގައި 50 މޭލަށް ވައިޖެހި ކަނޑުގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.


