ޕާކިތާނާއި ރާއްޖެއާ ދެމެދު އޮންނަ އަޚުވަތްތެރި ގާތް ގުޅުން ކުރިޔަށް އޮތްތާނގައި ކުރިއަރައިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެކަމުގެ ޔަގީންކަން ދެއްވާފައިވަނީ، ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސީޓީ ފުޅުތަކުގަ އެވެ.
އެދެބޭފުޅުންނަށް ފޮނުއްވެވި ވަކި ސިޓީތަކުގައި ރައީސް ޑރ މުއިއްޒު ވަނީ ޕާކިސްތާނުގެ ލީޑަރުންނާއި ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާއާ އެދުންތައް އަރިސްކުރައްވައި، ރައްޔިތުންނަށްވެސް ހޫނު ތަހުނިޔާއެއް ފޮނުއްވާފަ އެވެ. އެ ސިޓީފުޅު ތަކުގައި ރައީސް ޑރ މުއިއްޒު ވަނީ ދެ ޤައުމުގެ، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަރާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ރައީސާއި، ބޮޑުވަޒީރުގެ ހެޔޮ ދުޅަހެޔޮކަމަށާއި، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާގައިވެސް މެސެޖެއް ހިއްސާ ކުރައްވާފަ އެވެ. އެ މެސެޖުގައިވެސް ރައީސް ވަނީ ރާއްޖެއާ ޕާކިސްތާނުގެ ގުޅުން ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ޕާކިސްތާނަށް ކުރިއެރުމާއި، ކާމިޔާބީ އަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.



