ރާއްޖެއަށް އަންނަ އަދި ރާއްޖޭގައި އުޅޭ ބިދޭސީންވެސް، އެމީހުންގެ ގައުމަށް އެނބުރި ދާއިރު ”ޓްރެވެލަރ ޑެކްލަރޭޝަން“ ފޯމު ފުރަން ނުޖެހޭގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފ އެވެ.
މާދަމައިން ފެށިގެން ”ޓްރެވެލަރ ޑެކްލަރޭޝަން“ ފޯމް ފުރަން ނުޖެހޭގޮތަށް، މޯލްޑިވްސް އިމިގްރޭޝަނުން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގެ ސިޔާސަތުގެ ދަށުންނެވެ.
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ”ޓްރެވަލް ހެލްތު ޑެކްލަރޭޝަން“ ފޯމެއް ފުރަންޖެހޭގޮތަށް ކަނޑައެޅީ 15 ޖުލައި 2020 ގައެވެ. އަދި އެއަށްފަހު 14 މާޗު 2021 ގައި މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި ”ޓްރެވެލަރ ޑެކްލަރޭޝަން“ގެ ނަމަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް 20 ނޮވެމްބަރު 2023 ގައިވަނީ ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން ވެސް އެ ފޯމް ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމަވާފަ އެވެ.
މިހާރު މިގެނައި ބަދަލާއި ގުޅިގެން، މިހާރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ އެއްވެސް ފަރާތަކުން ”ޓްރެވެލަރ ޑެކްލަރޭޝަން“ ފޯމް ފުރިހަމަ ކުރަން ނުޖެހޭނެ އެވެ. ނަމަވެސް ރާއްޖެއަށް އަންނަ ބިދޭސީ ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ”ޓްރެވެލަރ ޑެކްލަރޭޝަން“ ފޯމް ފުރިހަމަކޮށް ހުށަހަޅަން ވާނެ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ބިދޭސީން ދަތުރުކުރާއިރު ”ޓްރެވެލަރ ޑެކްލަރޭޝަން“ ފޯމު ފުރަން ނުޖެހޭގޮތަށް ނިންމާވާއިރު، އަމާޒަކީ ޚިދުމަތްތައް ހަރުދަނާކޮށް ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދިނުންކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.




