ވިއްސާރަވެ ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކް އޯވަރ ފްލޯވެ ނަޖިސް ބޭރުވުމާއި, ވިއްސާރަވުމުގެ ސަބަބުން ފެން ހަރުލާފައި ހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކި ބަލިތައް މޯލްޑް(ފަންގަސް) ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އަދި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއެއް ކަމަށެވެ. އެހެންކަމުން އާންމު ފަރާތްތަކުންނާއި މުއައްސަސާތަކުން މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
ރައްކާތެރިވުމަށް އަމަލުކުރަންވީގޮތުގެ އިރުޝާދު:
- ވިއްސާރައާއި ގުޅިގެން ފެންބޮޑޫވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުން، ޚާއްސަކޮށް ފެންގަނޑަށް އެރި ކުޅެ ނެހެދުން
- އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަ ވޯޓަރޕްރޫފް ތަކެތި ބޭނުންކުރުން (ރަބަރު ބޫޓާއި ރަބަރު އަންގި އަދި ނުތެމޭ ފަދަ ކޯޓް)
- ހަމުގައި ފާރުގަނޑެއްގައި ހުރިނަމަ ފެނަށް ނޭރުން ކޮންމެހެން އެރެން ޖެހިއްޖެނަމަ ފެން ނުވަންނަފަދަ މަލަމަުން ރަނގަޅަށް ފާރުގަނޑު ބަންދުކުރުން
- ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޗްޕީއޭއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން
- ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން (ޚާއްސަކޮށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑުގައި ޖެހުމަށްފަހު ނުވަތަ ސާފުކުރުމުގެ މަސައްކަތްކުރުމަށްފަހު އާއި ކެއްކުމާއި ކެއުމުގެ ކުރިން އަދި ފާޚާނާ ސާފުކުރުމަށްފަހު)
- ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންނުކުރުން އަދި ގޯތިތެރޭގައި/ ދަނޑުގައި ފެންބޮޑުވެފައިވާނަމަ އެތަންތަނުގައި ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށްފަހު ކެއްކުން
- ބުއިމާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ކޭއްކި ވާރޭފެން، ސަޕްލައިފެން ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ސެޕްޓިކް އޯވަރފްލޯވެފައިވާނަމަ، ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުން ނުވަތަ ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
- ގެއާއި ގޯތިތެރޭގައި އަދި އާންމު ތަންތާނގައި ފެން ހަރުލާފައިވާ ތަކެތިން ފެން ހުސްކޮށް، ފެން ހަރުނުލާނޭހެން ބަންޑުންޖަހާ ނުވަތަ މަތި ޖަހާ ނުވަތަ ސަތަރިއެއް އަޅާއިރު ސަތަރީގައި ނުވަތަ މަތިގަނޑުގައިވެސް ފެން ހަރުނުލާކަން ކަށަވަރުކުރުން
- ދިޔަދޮޅިތައް ބެދުނަ ނުދީ ސާފުކުރުން
މީގެ އިތުރުންވެސް ފެނާއި ކާބޯތަކެތި އަދި ބޭސް ރައްކާތެރިކޮށް ބެހެއްޓުމާއި، ފެން ހިންދުމަށްފަހު ގޭތެރެ ސާފުކުރުމާ ބެހޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން އެޗްޕީއޭއިން އެދިފައި ވެއެވެ. އަދި އެޗްޕީއޭއިން މި ދުވަސްވަރު އަންގާ އެންގުންތަކަށް ސަމާލުވެ، އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ލަފާ ހޯދުމަކީ މުހިންމުކަމެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ.
އެޗްޕީއޭއިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކަމަށް ދުރާލާ ތައްޔާރުވުމަށާއި، ވިއްސާރަވެ، ފެންބޮޑުވުމާއި ގުޅިގެން ސިއްހީ ނިޒާމުްން ބަލަންޖެހޭ ކަންކަން މޮނިޓާ ކުރުމަށާއި، އާންމުންނާއި މުއައްސަސާތަކަސް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުަމށްޓަކައި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ އެމާޖެންސީ ކޯޑިނޭޝަން ކޮމިޓީން މަަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. އަދި، މިހާތަނަށް އާއިރު ވިއްސާރައިގެ އަސަރު ބައެއް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ކޮށްފައިވީނަމަވެސް، ޚިދުމަތް ހުއްޓުމެއް ނެތި ކުރިޔަށް އެބަދާކަމަށާއި، އެކަން މިނިސްޓްރީ އޮފް ހެލްތުން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ދަނީ، ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އާންމު ސިއްހަތަށް ކޮށްފާނެ އަސަރުތަކަށް ދެނެގަތުމަށްޓަކައި ޕަބްލިކް ހެލްތު ޔުނިޓްތައް މެދުވެރިކޮށް މޮނިޓަރ ކުރުމާއި އެކަންކަމުން ރައްކާތެރިވުމަށް އަމަލުކުރަންވީގޮތުގެ އިރުޝާދު އާންމުކުރަމުންނެވެ. މީގެ އިތުރުން ފެންބޮޑުވެފައިވާ ތަންތަނާއި ސެޕްޓިކް ޓޭންކް ލީކްވެފައިވާ ސަރަހައްދުތައް ސާފުކޮށް ޑީކޮންޓެމިނޭޓްކުރުމުގައި އަމަލުކުރާނެގޮތާއި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެގޮތުގެ މައުލޫމާތުވަނީ ކަމާއި ގޫޅޭ މުައައްސަސާތަކާއި ހިއްސާކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.



