އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެޤައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުން ބަދަހިކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުރީފުކުރައްވައިފި އެވެ.
ރައީސް މިފަދައިން ތައުރީފުކުރައްވާފައިވަނީ، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ސަރުކާރުގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑޮކްޓަރ މުޙައްމަދު އަލް ކުވައިތީ އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި، ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫ.އޭ.އީ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުޞަތުތައް ފާހަގަކުރައްވައި އެއީ ދެޤައުމުގެ ދެމެދުގައި އޮންނަ އަޚްވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫ.އޭ.އީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫޢު ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެޤައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބަރ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.



