މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކުރި ރަށްތަކުގެ އާންމު ޙާލަތު މިހާރު ރަނގަޅު ކަމުގައި ސިޓީތަކައި އިދާރާއި ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
މިވަގުތު ދިއްދޫގައި ހުންނެވި އެ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ވިއްސާރައިގައި ރެކޯޑް ޢަދަދަކަށް ވާރޭވެހުނު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިޢުލާންކުރި ހއ. ކެލާގެ ޙާލަތު މި ވަގުތު ރަނގަޅެވެ. މީގެ އިތުރުން ވިއްސާރައިގެ ސަބަބުން ދިރިއުޅޭ ގެ ދޫކޮށް އެހެން ގެތަކަށް މީހުން ބަދަލުކުރި ހއ. ބާރަށާ، އިހަވަންދޫއާ އަދި ހޯރަފުށީގެ އާންމު ޙާލަތު ވެސް މި ވަގުތު ރަނގަޅު ކަމުގައި މުޙައްމަދު ޙަސަން ވިދާޅުވި އެވެ.
ވިއްސާރައިގައި ހއ. ކެލާއިން 3 ގެއަކުން މީހުން ބަދަލުކުރި އިރު، އިހަވަންދޫ އަދި ބާރަށުން ކުރެ ކޮންމެ ރަށަކުން 2 ގެއަކުން މީހުން ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ހޯރަފުށީގެ 7 ގެއަކުން މި ވިއްސާރައިގައި މީހުން ބަދަލުކުރި އެވެ. މީހުން ބަދަލުކުރި ގެތަކުގެ މީހުން އެމީހުންގެ ގެތަކަށް އަލުން ބަދަލުކުރުމުގެ އިންތިޒާމުތައް ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅިގެން އެ ރަށްރަށުގެ ކައުންސިލުތަކުން ކުރަމުންދާކަމަށްވެސް މުޙައްމަދު ޙަސަން ވިދާޅުވި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި މިހާރު މުޅި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހަށް ފަހުއެވެ.


