މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިއްހީ މައްސަލަތަކެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ މައްލާ ޅަތުއްތު ނިޔާވެފައިވަނީ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
އެ މަރްހޫމުގް އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ކުޅިވަރު ކުރިއެރުވުމުގައި ބައިގަރުނަށްވުރެ ގިނަދުވަހު ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ. އަދި، ކުޅިވަރުގެ ދާއިރާއިން ކުރެއްވި ޚިދުމަތް ފާހަގަކުރައްވައި، ހޯއްދަވާފައިވާ ކާމިޔާބީތައްވެސް ބަޔާންކުރައްވާފައި ވެއެވެ. އަދި އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
”މާތް ﷲ ގެ ތަނަވަސް ރަހުމަތާއި މަގްފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް މައްލާ ޅަތުއްތު ލަހައްޓަވާށިއެވެ. އާމީން.“ ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވެއެވެ.
ދިވެހި ކުޅިވަރުގެ ތަރައްޤީއަށް 52 އަހަރު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަރްހޫމް މައްލާ ޅަތުއްތުއަކީ، ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާއި، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާއި، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާއި، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެކެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެހި ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީއަށް ވެވަޑައިގަތުމުގެ ޝަރަފުގެ އިތުރުން، ފީފާގެ ބެޖު ޖައްސަވައިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަން ކުރެއްވުމުގެ ޝަރަފުވެސް 1990 ގައި މަރްހޫމް މައްލާ ޅަތުއްތުއަށް ލިބިވަޑައިގެންފައި ވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން، 1990 އިން 1993 އަށް ބައިނަލްއަޤްވާމީ އެތައް މެޗެއްގައި ރެފްރީކަން ކުރެއްވި އެވެ. މީގެތެރޭގައި، 1985 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އޭޝިއަން ކުލަބް ޗެމްޕިއަންޝިޕްގައްޔާއި، 1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ފަސްވަނަ ސާފް ގޭމްސްގައި މައްލާ ޅަތުއްތު ރެފްރީކަން ކުރެއްވި އެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތްތަކުގައި 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު ރެފްރީކަން ކުރެއްވިއެވެ. 1995 ވަނަ އަހަރު ރެފްރީކަން ކުރެއްވުން މައްލާ ޅަތުއްތު ރަސްމީކޮށް ހުއްޓަވައިލެއްވީ، އޭރު ފީފާ ބެޖު ލިބޭ އުމުރު ހަމަވުމުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ބެޖެއް، އެންމެ ފުރަތަމަ 1969 ގައި، ފަރުމާކުރެއްވީ މައްލާ ޅަތުއްތު އެވެ. އަދި އޭގެފަހުންވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާ ކުރެއްވީ މައްލާ ޅަތުއްތު އެވެ. 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް.) އުފެދުމުން، އެ އެސޯސިއޭޝަންގެ ލޯގޯ ފަރުމާކުރެއްވީވެސް މައްލާ ޅަތުއްތު އެވެ.




