ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތުއާއި އެނޫން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.
މިނިޓަރު މިފަދައިން ގޮވާލެއްވީ، އިންޑިއާ ސަރުކާރުން ވަރޗުއަލްކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ.
އެ މަނިކުފާނުގެ ތަޤްރީރުގައި، 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާ އިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް މަރުހަބާ ދެންނެވި އެވެ. އަދި، މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ޤައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ޚާއްސަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ޤައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ. އެއަށްފަހު، ގްލޯބަލް ސައުތުގެ ޤައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ، އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯރކްތަށް އަދާހަމަކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހަމައެއާއެކު، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ދިވެހިރާއްޖެފަދަ ޤައުމުތަކުގެ ތަރައްޤީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ޤައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ. އަދި، ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ގްލޯބަލް ސައުތުއާއި އެނޫން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ޤައުމުތައް، ވަކިން ޙާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފްތިތާހްކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރް އެވެ. މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ޝިޢާރަކީ، ”ޗާރޓިންގ އަ ނިއު ޕެރެޑައިމް ފޮރ ގްލޯބަލް ސައުތު“ އެވެ.



