ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ޗައިނާއަށް ކުރައްވާ މިދަ ތުރުފުޅަކީ މި މަހުގެ 19 އިން 28 އަށް ޗައިނާގެ ބެއިޖިންގައި އޮންނަ ”އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސެމިނާގައި، އަބްދުއްރަހީމްއާއެކު މަޖިލީހުގެ މެންބަރުންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.
އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިފަދަ ބައްދަލުވުމެއްގައި ޜާއްޖެއިން ބޭރަށް ވަޑައިގެންނަވާ ފުރަތަމަ ފަހަރުވެސް މެއެެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ކަންކަން ތަންފީޒު ކުރުން އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މި ސެމިނާގައި، ތަރައްގީވަމުން އަންނަ 32 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދުތަކުން ބައިވެރި ވެއެވެ.




