ވޯކް ޕާމިޓް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަނެތި ހަރަކާތްތެރިވަމުން ދިޔަ 14 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި14 މީހުން ހައްޔަރުކުރީ އިއްޔެ ހެނދުނު ހިންގި ރެއިޑެއްގައި ކަމަށެވެ. އެއީ،މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގި ރެއިޑެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ގ.ހީނާމާގެ ޕާކިން ސަރަހައްދުންނެވެ. މިއީ، ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުން އިއްޔެ ވަނީ، މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ވެސް ބަލާ ފާސްކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުން އިމިގްރޭޝަނާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި މި ރެއިޑްގައި އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވާލައިފައިވެއެވެ.
މާލޭ ސަރަހައްދުގައިޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި މާލޭ ސިޓީގެ މޭޔަރު ޑރ. އާދަމް އާޒިމް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދެފަރާތުން އެއްބާރުލުންދިނުމާއި، މިހާރު ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ދެފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަކާމެދު އެވެ. މި މަޝްވަރާ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް ޝަމްއާން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް މޭޔަރު އާޒިމް އެންމެ ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ މިހާރު އާންމުންނަށްވެސް ރިޕޯޓް ކުރެވެއެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު އިމިގްރޭޝަނުން ހުޅުވާލި ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، 24 ގަޑީއިރު ރިޕޯޓް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ.



