ބުޅަލުގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން ނޯޓިސް އެއް ނެރެފި އެވެ.
އިމިގްރޭޝަނުން އިއްޔެ ހޯދަން އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން އެވެ. އޭނާ އިމިގްރޭޝަނަށް ހާޒިރުވާން އަންގާ ފަސް ދުވަހުގެ ނޯޓިސްއެއް ދީފައިވެ އެވެ.
އިމިގްރޭޝަންގެ ނޯޓިސްގައި، މީނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެދިފައި ވެއެވެ.
އިމިގްރޭޝަންގެ ނޯޓިސްގައި އޭނާ ހޯދަން އިއުލާނުކުރި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. އެެހެންނަމަވެސް،ބުޅަލުގެ ހައްގުގައި މަސައްކަތް ކުރާ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ވަނީ، އޭނާއަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މި މައްސަލަ އިއްޔެ އާންމު ފަރާތަކުން ޖަނަވާރާއި ބެހޭ ވުޒާރާއަށް ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅައި ތަހުގީގު ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އަދި ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.



