ބުޅަލުގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން އެވެ. އޭނާ އިމިގްރޭޝަނަށް ހާޒިރުވާން އަންގާ ފަސް ދުވަހުގެ ނޯޓިސްއެއްވެސް ނެރުމަށްފަހު އެމީހާ ލޮކޭޓްކޮށް ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ދިޔައީ ކުރަމުންނެވެ. އޭނާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރީ އިމިގްރޭޝަނުންނެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ. އަދި އެ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
”ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރަފާތު ހޮސެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 10:32 އެހާކަށްހާއިރު މާލެއިން.“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބުޅަލުގެ ހައްގުގައި މަސައްކަތް ކުރާ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ވަނީ، މިމީހާއަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މި މައްސަލަ އިއްޔެ އާންމު ފަރާތަކުން ޖަނަވާރާއި ބެހޭ ވުޒާރާއަށް ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ މިނިސްޓްރީންނެވެ.



