ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ އިންޓާންޝިޕް ޕްރޮގްރާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ”ޙާލު ކިހިނެއް؟“ ޕްރޮގްރާމުގެ ޓީމުން ވެމްކޯގެ އިސް ވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ވެމްކޯ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަދަ ފަރާތްތައް ގެންގުޅޭ އާއިލާތަކުގައި ތިބި ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދުމާއި، އިންޓާންޝިޕް ޕްރޮގްރާމުތަކުގައި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ވެމްކޯގެ ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާއިރު، ވެމްކޯއިން ވަނީ މާލެ ސަރަހައްދުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އެ ކުންފުންޏަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގުޅިގެން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ވެމްކޯއިން ދީފައި ވެއެވެ.
”ޙާލު ކިހިނެއް؟“ ޕްރޮގްރާމަކީ، ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި، ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިދާރާތަކާއި އެއްކޮށް މިހާރު ވެސް ކުރެވެމުންދާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. އަދި އެ ކަންކަމަށް އިދާރާތަކާއި ކުންފުނިތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.




