ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ، މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ކޯސްޓްގާޑުން ވަނީ، މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.


