ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ރާއްޖެއާއި ސައުދީއާ ދެމެދު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައޫދީ އަރާބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންވެސްޓްމެންޓްގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާއި، ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޮރިން މިނިސްޓަރު ހިއްސާކުރެއްވި އެވެ.
ސައޫދީގެ އިންވެސްޓްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސައޫދީގެ އެސިސްޓެންޓް އިންވެސްޓްމަންޓް މިނިސްޓަރު އިބްރާހީމް ބިން ޔޫސުފް އަލްމުބާރަކް ބައިވެރިވަޑައިގެންނެވި އެވެ. ފޮރިން މިނިސްޓަރު ޒަމީރު ވަނީ، ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްދިސާތީ ތަރައްޤީއަށް ސައުދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީއަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސައުދީއަށް ކުރައްވާ މިދަތުރުފުޅަކީ، އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.




