ގައުމަށް މެދުވެރިވާ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ހެލްޕް ލައިން އެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.
މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މިކަން ތަންފީޒްކުރުމާއި ގުޅޭ ގޮތުން، ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު އިއްޔެ މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި، ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންނާއި، ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރަން ނިންމާފައިވަނީ ޝޯޓްކޯޑް ލައިނެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.



