ކުއްލި ހާލަތްތަކުގައި ސްޓެލްކޯއިން އަމަލުކުރާ ނިޒާމު ހަރުދަނާކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ)އާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ)ސްޓެލްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި،
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.
ސްޓެލްކޯއިން ބުނީ މި ފަހުމުނާމާގެ ދަށުން، ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަނެ، ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރާނެކަމަށެވެ. އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލިޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އަރައްކާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކްއެއް އެކުލަވާލައި، ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް ޤާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީވާނެ އެވެ.
މީގެ އިތުރުން، ކުއްލިޙާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ބާއްވައި، ކުއްލިޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރާނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއްނަމަވެސް މިފަދަ ކާރިސާތަކުގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް ގާއިމުވެފައި ނެތްކަމަށެވެ.
”ޤައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަކާ ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ“ ފަހުމީ ވިދާޅުވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގަ ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ބަޔާންކޮށްފައިވާކަމަށާއި، މި އެއްބަސްވުުމުގެ ދަށުން ކުރިން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ އެކުގައި މަސައްކަތް ކުރެވިގެންދާނެކަމަށެވެ.
”ކުންފުނިތަކުން ކާރިސާގެ ވަގުތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކީގަ ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި. އަދި މަސައްކަތްތަކެއްވެސް ފާހަގަކުރެވިފަ އެބަހުރި. އެކަމަކު މީގެ ކުރީގެ އަހަރުތަކުގަ މިފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގަ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގަ ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގަ ކުރުމަށް ވަނީ ރާވާފަ.“ ހިސާން ވިދާޅުވެފައި ވެއެވެ.
ހިސާން އިތުރަށް ވިދާޅުވީ، ސްޓެލްކޯއަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏަކަށް ވީހިނދު އެ ޚިދުމަތަކީ ކާރިސާގެ ވަގުތުގަވެސް މުޖުތަމަޢުއަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވާއިރު މިކަން ކާރިސާގެ ވަގުތުގަވެސް ކުރެވޭނެ ގޮތްތައް ރާވާ ހިނގަންޖެހޭކަމަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން، ކާރިސާގެ ވަގުތުގަ ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގަ ޑިޒާސްޓަރ މެނޭޖްމަންޓްއާ އެކީގަ އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފަވާ މުވައްޒަފުންތަކެއްގެ ގޮތުގަ ތައްޔާރުކުރުމަށް ރާވާފައި ވާކަމަށެވެ.




