ނިޤާބް އެޅުމުން ވަޒީފާ އަދާ ކުރުމަށް ހުރަސްއެޅޭގޮތަށް ރާއްޖޭގައި ޒަމާންތަކެއް ވަންދެން ޢަމަލުކުރަމުންއައި ޤަވާއިދާއި އުސޫލުތައް ބަދަލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފި އެވެ.
ރައީސް މުޢިއްޒު މިފަދައިން އެންގެވީ ދާދިފަހުން ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްލި މައްސަލަ ފެންމަތިވެފައިވަނިކޮށްނެވެ.
ރައީސް މިއަދު އެކްސްގައި މިކަމަށް އިޝާރާތް ކުރައްވައި، ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ޤަވާއިދުތަކާއި އުޞޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ގިނަ ދީނީ ޢިލްމުވެރިންނާއި އާންމުން ދަނީ އެމަނިކުފާނުގެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެ، ޝުކުރު ދަންނަވަމުންނެވެ.




