ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުން މުހިންމުކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ވިދާޅުވެއްޖެއެވެ.
ނަވީން މިކަން ފާހަގަކުރައްވާފައިވަނީ،ނިއު ދިއްލީގައި ބޭއްވި ”ކޮމްބެޓިންގ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫ-އިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް“ ގައި ބޭއްވި މަޝްވަރާތަކުގައެވެ. މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނެވެ.
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކާތަކަށެވެ. މި ކޮންފަރެންސްގައި އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާ އަދި ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މި މަޝްވަރާތަކުގައި، ޑެޕިއުޓީ ކޮމިޝަނަރ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވި އެވެ.
އޯގަސްޓް 21 އަދި 22 ގައި ނިއު ދިއްލީގައި ކުރިއަށްދިޔަ މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަންގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ އާންމު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމެވެ. މި ކޮންފަރެންސްގައި ބައިވެރިން މަޝްވަރާކުރެއްވީ އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.

މި ކޮންފަރެންސްއަކީ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އެއްބާރުލުން އިތުރުކުރުމުގެ ޔޫރަޕިއަން ޔޫނިއަންގެ މަޝްރޫއު (އީއެސްއައިޑަބްލިއުއޭ)ގެ ދަށުން ކުރިން ހިންގާފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ. މި މަޝްރޫއުގެ ދަށުން ޑްރޯން ޓެރަރިޒަމާއި، ސައިބަރ ސެކިއުރިޓީ އަދި ދޮގު މައުލޫމާތު ފެތުރުން ފަދަ އެކި ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުން މަސައްކަތްކުރެވިފައި ވެއެވެ.




